ކިޔަވައިދިނުމުގައި އަޅުގަނޑުގެ ފަލްސަފާ

301644_156179801144890_100002586122579_251765_1735480213_a
މި މަސައްކަތުގައި މި ހުށަހަޅާލަނީ ޓީޗަރެއްގެ ހައިސިއްޔަތުން، ކިޔަވައިދިނުމުގައި ގެންގުޅޭނެ ފަލްސަފާއެވެ. މިފަލްސަފާ ތައްޔާރު ކުރުމުގައި ވިސްނާފައިވާނީ ލަރނިންގ ތިޔަރީތަކަށެވެ. އެ ތިޔަރީތަކުގެ ވަރުގަދަ އަދި ނިކަމެތި ނުކުތާތަކަށް ވިސްނާފައިވާނެވެ. މިފަލްސަފާ އެކުލަވައިލުމުގައި ދިވެހިރާއްޖޭގެ ގައުމީ ފަލްސަފާގެ މައިގަނޑު މަގުޞަދަށް ބަލައިލީމެވެ. ސަބަބަކީ ކިޔަވައިދޭން ޖެހެނީ ގައުމީ ފަލްސަފާއަށް ރިޢާޔަތްކޮށްގެންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ އެވެ.
ކިޔަވައިދިނުމުގައި އަޅުގަނޑު ގެންގުޅޭނެ ފަލްސަފާ ބިނާކުރީ ދަސްކުރުމުގެ ތިޔަރީ ތަކަށެވެ. އެގޮތުން ކިޔަވައިދިނުން ކުރިއަށް ގެންދެވޭނީ “ތިމާވެސް” ބޭނުންކޮށްގެންނެވެ. “ތިމާވެސް” ގެ “ތ” ރަމްޒުކުރަނީ ތަޖުރިބާ އެވެ. “މ” ރަމްޒުކޮށްދެނީ މާހައުލެވެ. “ވ” ރަމްޒުކޮށްދެނީ ވިސްނުމެވެ. އަދި “ސ” ރަމްޒުކުރަނީ ސްލޫކެވެ. އަޅުގަނޑުގެ ފަލްސަފާއަކީ މި 4 ބަޔަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކިޔަވައިދިނުމެވެ. މިގޮތުން ކިޔަވައިދޭއިރު ވިސްނާނެ ކަންތައްތައް ތިރީގައި އެވަނީއެވެ.
ކިޔަވައިދިނުމުގައި ތަރުޙީބު ދިނުމަށާއި އަދަބު ދިނުމަށް ސަމާލުކަން ދެވޭނެއެވެ. ނަމަވެސް މިކަންކުރުމުގައި ގޮތްތަކެއް ކަނޑައަޅާނީ ދަރިވަރުންނެވެ. ފިލާވަޅު ނުނިންމާނަމަ ދޭނީ ކޮންކަހަލަ އަދަބެއްކަން، ތަކުރާރުވާނަމަ ހަދާނީ ކިހިނެއްކަން، މިފަދަކަންކަން މުދައރިސްގެ އިރުޝާދާއެކު ނިންމާނީ ދަރިވަރުންނެވެ. ކިޔަވައިދޭން ފެށުމުގެކުރިން ދަރިވަރުންލައްވާ މިފަދަކަންކަން ކަނޑައަޅާ ކުލާސްތެރޭ ހަރުކުރެވޭނެއެވެ. މިގޮތަށް ކަންކުރަނީ އަދަބު ދިނުމުން، މުދައްރިސާއި މާއްދާދެކެ ދަރިވަރުން ވާ ފޫހި ކުޑަކުރުމަށްޓަކައެވެ. އަދަބު ދިނުމުން އެއީ ދަރިވަރުން އަމިއްލައަށް ލިބިގަތް ކަމެއްކަން ގަބޫލު ކުރުވުމަށެވެ. މިގޮތުން ޕޮޒިޓިވް ރިއެންފޯސްމަންޓާއި ނެގެޓިވި ރިއެންފޯސްމަންޓާއި ފޮޒިޓިވް ޕަނިޝްމަންޓާއި ނެގެޓިވް ޕަނިޝްމަންޓް އެދޭންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ ދެވޭނެއެވެ.
ކިޔަވައިދިނުމުގައި ދަރިވަރުގެ ސިކުނޑިއަށް އަންނަ ބަދަލުތަކާއި މައުލޫމާތު ރައްކާކުރެވޭ ގޮތްތައް ދެނެގަނެވި، ސިކުނޑި ތަރައްގީކުރުމަށް މަސައްކަތް ކުރެވޭނެއެވެ. މިގޮތުން ކޮގްނެޓިވް ތިޔަރީގައި މާނަކުރާ މާހައުލުން މަޢުލޫމާތު ގެންގޮސް، ސިކުޑީގައި ޖަމާކުރުމަށް ބާރުއެޅޭނެއެވެ.
ދަރިވަރުންގެ ޝައުގުވެރިކަން އުފެއްދުމަކީ ކިޔަވައިދިނުމުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައި ހެދޭނެއެވެ.
ތަފާތު މަޢުލޫމާތުތައް އޮޅުންފިލުވައިދޭއިރު، ސަމާލުކަންހޯދުމާއި ސަމާލުކަން ދެމެހެއްޓުމަށް ބާރުއެޅޭނެއެވެ. މިގޮތުން އިންޓްރިންސިކް މޯޓީވޭޝަނާއި އެކްސްޓްރިންސިކް މޯޓިވޭޝަނަށް ސަމާލުކަން ދެވޭނެއެވެ. ސަބަބަކީ ދަރިވަރުގެ ސެންސަރީ ރެޖިސްޓަރއަށް ވަންނަ މަޢުލޫމާތު ވާރކިންގ މެމަރީއަށް ގެންގޮސްދެނީ ކަމަކަށްދެވޭ ސަމާލުކަމެއްގެ ސަބަބުން ކަމަށްވާތީއެވެ.
ދަރިވަރުންނަށް ޙަރަކާތްތެރި ރޯލެއް ހިމެނޭގޮތަށް އުނގެނުމަށް ފުރުޞަތު ދެވޭނެއެވެ. މިގޮތުން އުނގެނުމުގެ ޙަރަކާތްތައް ބޭނުންކުރެވޭނެ ތަފާތު ޙާލަތްތަކާ ގުޅުވައިގެން ފަސޭހައިން ހަނދާނަށް ގެނެވޭފަދަ ކަންތައްތަކެއްގެ ތެރެއިން ކިޔަވައިދެވޭނެއެވެ.
ކިޔަވައިދޭއިރު، ދަރިވަރުންނަށް ދޭހަވާ މިންވަރު ހުށަހަޅަން ފުރުޞަތު ހުޅުވާލެވޭނެއެވެ. ދަރިވަރުންގެ ވިސްނުމާއި ޚިޔާލު ބޭނުންކޮށް ދަރިވަރުންދެކޭ ގޮތް ކުލާހާ ހިއްސާކުރުމަށް ބާރުއެޅޭނެއެވެ. އަދި ކިޔަވައިދޭ އެއްޗެއް ރަނގަޅަށް ދޭހަވަމުންދޭތޯ ބެލުމަށް ބްލޫމްސް (1956)ގެ ތަފާތު ފެންވަރުގެ ސުވާލުތައް ދަރިވަރުންނާ ކުރިމަތިކުރެވޭނެއެވެ. އަދި އެޑްވާރޑް ޑިބިނޯ (1985) ތަޢާރަފުކޮށްފައިވާ ވިސްނުމުގެ 6 ތޮތްޕާއި ޓޯނީ ރަޔާން (1990) ތަޢާރަފުކޮށްފައިވާ ވިސްނުންތެރިޔާގެ ތަޅުދަނޑިތައް ކިޔަވައދިނުމުގައި ބޭނުން ކުރެވޭނެއެވެ.
ސޯޝަލް ކޮގްނެޓިވް ތިޔަރީ ބުނާ މާހައުލާ ވަރަށް ބޮޑަށް ގުޅުވާލައިގެން ކިޔެވުން ކުރިއަށް ގެންދެވޭނެއެވެ. ބޭނުމަކީ މުޖުތަމައުގެ ފަރުދުންނާއެކު އުޅެން ދަސްކޮށްދިނުމެވެ. އިޖުތިމާއީ އަގުތައް ދަސްކޮށްދިނުމެވެ.
ކިޔަވައިދނުމުގައި ދަރިވަރުންނަށް ފެންނަ އެންމެ ރަނގަޅު ނަމޫނާއަކީ މުދައްރިސްކަމުގައި ވާނަމެވެ. ކުލާހާއި ކުލާހުން ބޭރުގައިވެސް މިނަމޫނާ ދެއްކޭނެއެވެ.
ދަރިވަރުންނަށް ކުރެވޭ ތަޖުރިބާއަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެންކަމުން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމާ އެތަޖުރިބާ ގުޅުވާލެވޭނެއެވެ. ކޮންސްޓްރަކްޓިވިޒަމްގައި ބުނާ މާހައުލުންނާއި ކުރެވެމުންދާ ތަޖުރިބާތަކުންނާއި ވިސްނުމުގެ މަރުޙަލާތަކާ ގުޅޭގޮތުން ދަރިވަރުން ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެއެވެ.
ކުއްޖާ އަމިއްލައަށް ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ދެވޭނެއެވެ. މުދައްރިސްގެ މަސައްކަތަކީ ކަންކަމަށް މަގުފަހި ކުރުމެވެ. އެކަންކުރާނީ ދަރިވަރެވެ. ނަމަވެސް އެކަނި ހައްލުކުރަން ދަތިކަންކަން އެހެންމީހެއްގެ އެހީގައި ހައްލުކުރުމަށް ފުރުޞަތު ދެވޭނެއެވެ.
އުނގަންނައިދިނުމުގައި ގައިޑެޑް ޑިސްކަވަރީއާއި އިންކުއަރީއާއި ކޯޕަރޭޓިވް ލާރނިންގއާއި ކްލާސްރޫމް ޑިސްކަޝަންތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ކުރިން ކުރެވުނު ތަޖުރިބާގެ އަލީގައި ރަނގަޅު ތަޖުރިބާތަކެއް އެކުދިންގެ ވިސްނުމުންނާއި މާހައުލުންނާއި މުދައްރިސުން އުފައްދައިދޭނެއެވެ. ދަރިވަރުން އަމިއްލައަށް މަޢުލޫމާތު ބިނާކުރާ، ތަފާތު ރޮގުރޮގުން ވިސްނުމަށް ފުރުޞަތުދީ، ކަންކަން ދިރާސާކޮށް ހޯދާބަލުމަށް ބާރުއެޅޭނެއެވެ. މިފަދަކަންކަމުގެ ތެރެއިން ހުރިހާ ހިއްސުތަކެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފައިގެން ކަންކަން ދަސްކުރުމަށްވެސް ބާރުއެޅޭނެއެވެ.
މިފަލްސަފާގެ އެހީގައި ގައުމަށް ފައިދާހުރި އިސްލާމީ ދިވެހި، ދަރިއެއް އުފެއްދިދާނެކަމަށް ގަބޫލުކުރެވެއެވެ. އަދި ހަށިގަނޑުގެ ރޫހީ ބަޔާއި ވިސްނުމާއި ޖިސްމާނީބައި ތަރައްގީވެ، ބޭނުންވާ ހުނަރުތައް ލިބިގަނެވޭނެކަމަށް ގަބޫލުކުރެވެއެވެ.

Bloom B. S. (1956). Taxonomy of Educational Objectives, Handbook I: The Cognitive Domain. New York: David McKay Co Inc.
Bono, E. (1985). Six thinking hats. Boston: Little, Brown.
Ryan, T. (1990). Thinker’s Keys for Kids. Australia

އިސްތިހާރު

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s